ޠާޣޫތަށް ތަކުފީރު ނުކުރާ ކޮންމެ މީހަކީ އަދި ކާފަރެއް ނޫނެވެ. (1)
Galandhaanu
Arusheef
August 1, 2018
އެއްވެސް ޝައްކެއް ނެތް ގޮތުގައި، ޠާޣޫތަށް ކާފަރުވުމަކީ ތައުޙީދުގެ ޝަރުތެކެވެ. އެހެނަސް ޠާޣޫތަށް ތަކްފީރު ކުރުމަކީ އެޔަށް ކާފަރުވުން ސައްޙަވާން އޮތް ޝަރުތެއް ހެއްޔެވެ؟
މާނައީ: އެމީހަކަށް އެކަން ނޭގޭ، ނޫނީ ޖާހިލެއް ކަމުގައިވިޔަސް އިސްލާމް ކަމަށް ނިސްބައިވެގެން ހުންނަ މީހެއް، އޭނާ ޠާޣޫތަށް އަޅުކަން ކޮށް ވާޤިވެރިވުމަކަށް ފަރުވާލެއް ނުބަހައްޓާ ހިނދު، ޠާޣޫތަށް ތަކްފީރު ނުކުރާ ނަމަ އޭނާގެ އިސްލާމް ކަން ނަފީވެގެން ދާނެ ހެއްޔެވެ؟
އަހަރެމެން މި ނުކުތާއިން މި ފާހަގަ ކޮއްލަނީ އެއްވެސް ހާލެއްގައި ޠާޣޫތަށް ތަކްފީރު ކުރުމުގެ މުހިއްމު ކަމާއި މެދުގަ އެއް ނޫނެވެ. އަދި އެކަން އެއްވެސް ހާލެއްގައި ކުޑައިމީސް ކޮށް އެ މައުޟޫޢު އުގަންނައިދިނުމާއި މެދު އިހުމާލުވުމަކަށް ވެސް ނުގޮވާލަމެވެ. އެހެނަސް ތައުޙީދުގެ ކަލިމަ ސައްޙަވާ އަސްލެއް ކަމަށް އަހަރެމެން ތަކްފީރު ނުހިމަނަމެވެ. އެ އީ ބަޔެއް ހައްދުފަހަނަ އެޅި މީހުން އެކަން ބަޔާން ކުރާ ގޮތާއި ޚިލާފަށެވެ.
އަދި ކާފަރުވުމާއި ކާފަރުކުރުމުގައި ފަރަޤު ވާކަމަށް އަހަރެމެން ބުނަމެވެ. ތައުޙީދުގެ ކަލިމަ ( لا إله إلا الله ) ގެ މާނައިގެ ތެރެއަށް ތަކްފީރު ނުވަދެ އެވެ. އަދި މިކަލިމަ އަކީ އެއްމެހާ ނަބިއްޔުން އެޔަކާއިގެން ފޮނުއްވެވުނު ދައުވަތެވެ:
⪻ وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ ⪼
”ތިމަން އިލާހު، ކަލޭގެފާނުގެ ކުރިންވެސް އެއްވެސް ރަސޫލަކު މިފަދައިން ވަޙީ ނުކުރައްވައެއް ނުފޮނުއްވަމު އެވެ: އެއީ: ތިމަން އިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމެވެ. އެހެންކަމުން ތިމަން އިލާހަށް އަޅުކަން ކުރާހުށި ކަމެވެ.“
އަދިވެސް ﷲ تعالي ވަޙީކުރެއްވި އެވެ:
⪻ وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ ۖ ⪼
”އަދި ހަމަކަށަވަރުން އަހަރެމެން ކޮންމެ އުއްމަތަކައްވެސް ރަސޫލެއް ފޮނުއްވީމު އެވެ. އެ އީ ﷲ އަށް އަޅުކަން ކޮށް، ޠާޣޫތާއި ދުރުހެލިވުމަށް ގޮވާލަ އެވެ.“
އަދި މިދެ އާޔަތް އެއް އާޔަތް އަނެއް އާޔަތް މާނަ ކުރެ އެވެ. އަދި އަރައިތިއްބެވި އިލްމުވެރިން ވަނީ ( لا إله إلا الله ) މި ކަލިމައިގެ މާނަ އަކީ "ﷲ މެނުވީ ހައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވޭ" ކަމަށް ބަޔާން ކުރައްވާފައެވެ. މި މާނަ އަކީ ޝަރުޢީ އަދި ލުޣަޥީ އިސްތިލާހުގައި ޞައްޙަ އަހްލުއް ސުންނަތް ވަލް ޖަމާއަތް ގެ ޢަޤީދާ އެވެ. އަދި އެހެންކަމުން، ( لا إله إلا الله ) ގެ މާނައިގެތެރޭގައި، ތަކްފީރުކުރުން ހިމެނޭ ކަމަށް އެއްވެސް ޝަރުޢީ ނައްސަކުން ދަލީލެއް ނުވާ ޙާލު، ލުޣަޥީ (ބަހުގެ) ގޮތުންވިޔަސް މިކަމަށް އެއްވެސް ދަލީލެއް ނެތެވެ.
ދެންފަހެ އިލްމުވެރިން މި ބަޔާން ކުރައްވާ މާނަ: "ﷲ މެނުވީ ހައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވޭ" — މި މާނަ ޙައްޤު ގޮތުގައި އަދާކޮއްފި ކޮންމެ މީހަކީ، މުސްލިމެކެވެ. އަދި މުވައްޙިދެކެވެ. އެއީ އިތުރު ބަޔާން ތަކާއި އުގައްނައިދުން އެކުލެވޭ މި ކަލިމައިގެ "ވާޖިބިއްޔާތު" ތަކާއި "ލާޒިމް" ތަކުގައި އެ މީހެއް އުނިވިއެއް ކަމަކު އެވެ. އެހެންކަމުން ތަކްފީރު އަކީ، ތަފްސީލުތަށް އެކުލެވިގެންވާ ބާބެކެވެ. އަދި ކޮންމެ އަފުރާދަކަށް އޭގެ ތަފްސީލުތަކާއި މަވާނިޢުތައް އެގުން ދީނުގެ އަސްލެއް ފަދައިން ލާޒިމެއް ނުކުރަ އެވެ.
📌 ފައިދާ އެއް:
މުޝްރިކުންނަށް ބަރީޢަށް ވުމުގައިވެސް ތަފްޞީލެއް ވެއެވެ. އޭގެ ބޭރުފުށުގެ ބަރީޢަ ވުމާއި އެތެރެފުށުން ވާ ބަރީއޢަ ފަރަޤު ވެގެން ވެއެވެ. އަދި ދީނުގެ އަޞްލުގެ ތެރެއިން ހިމެނޭ، އެޔަކާއި ނުލައި އިސްލާމް ކަން ސައްޙަ ނުވާ މިންވަރަކީ، އެތެރެފުށުގެ ބަރީޢަ އެވެ. އެހެނަސް ﷲ تعالي ވަނީ ޤުރުއާން ގެ ނައްޞުން ދަލީލުވާ ފަދައިން ”ނިކަމެތިކަމާއި ބިރުވެތި“ ކަމުގެ ޙާލަތުގައި، ބޭރުފުށުން އެ ފާޅުނުކުރުމަށް އިޛުނަ ދެއްވާފަ އެވެ. ⪻ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ ⪼
މި އިން، މި މިންވަރަކީ ދީނުގެ އަޞްލުގެ ތެރޭ ނުހިމެނޭ މިންވަރެއް ކަން ޘާބިތު ވެއެވެ. ދެން އެހެން ވަގުތެއްގައި މިކަމުގައި ތަފްޞީލެއް ލިޔެލެވޭތޮ ބަލާނަމެވެ — إن شاء اللّٰه.
~ ގަލަންދާނު
__________
މަޞްދަރުތައް: الرسالة الثلاثية أبو محمد البرقاوي ، އަދި اللجنة المفاوضة ގެ سلسلة العلمية