ސިލްސިލާ: އޭގެ މޫތައް ޘާބިތު، އޭގެ ގޮފިތައް އުޑަށް އުފުލިފައިވާ ހެޔޮ ގަހެއް ފަދައެވެ
ގަލަންދާނު
އީމާންކަމުގެ ބައިތަކަށް މުއުތަޒިލީ ތަކްފީީރީންނަށް އަރާފައިވާ އޮޅުން އަދި އަހުލުއްސުންނަތުގެ ފަރަޤު
الحمد لله رب العالمين، والعاقبة للمتقين، ولا عدوان إلا على الظالمين، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله
ތަކްފީރު ކުރުމުގައި އޮޅުން އަރައި ހައްދުފަހަނަ އަޅައިދާ ބަޔެއް މީހުންނަށް އަރާފައިވާ އެއް އޮޅުމަކީ، އީމާން ކަމުގެ ތެރޭން "އަޞްލުލް އީމާން" ނުވަތަ އެ އީމާންކަން ނަފީކޮށްލާ ބާވަތާއި، އީމާން ކަމުގެ "ވާޖިބު" ނުވަތަ "މުސްތަޙައްބު" ބަޔާއި އެއްކޮށްލުމެވެ. މި ބައިތައް އޮޅުވާލުމުގެ ސަބަބުން އެތަކެއް ބާޠިލު ތަކްފީރުފެތުރެއެވެ.
މިބައިތައް ފަރަޤު ނުކުރެވޭ މީހާއަށް ހީވަނީ އެހެންޏާ އީމާންކަން އޮންނާނީއެވެ. ނުވަތަ ނުއޮންނާނީއެވެ. މިސަބަބަށްޓަކައި އެވެރިންގެ ތެރެއިން ބަޔެއް ބުނެއެވެ: "އެހެންޏާ ޠާޣޫތަށް ކާފަރުވެ ބަރީއަވާނީއެވެ. ނޫނީ އެއީ ކާފަރެކެވެ." އަދި އެހެންކަމުން ޠާޣޫތީ ވެރިކަމެއްގެ ދަށުގައިވާ ހުރިހާ ކަމަކަށް ބަރީޢަވުމަކީ "އަޞްލުލް އީމާން" ކަމަށް ހަދައެވެ. އަދި އެނެތިއްޖެމީހާ ކާފަރުކުރެއެވެ. އެއީ އީމާން ކަމުގެ ވާޖިބު ނުވަތަ ފާފަވެރިވާ މިންވަރާއި އީމާންކަމުގެ މުސްތަހައްބު މިންވަރަށް ބެލުމެއްނެތިއެވެ.
އަދި މިއިޢުތިޤާދުގެ އަޞްލަކީ ޚަވާރިޖުންނާއި މުއުތަޒިލީންގެ ބުނުންފަދައެވެ. އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: "އޭގެން (އެބަހީ، އީމާން ކަމުގެ)ބަޔެއް މަދުވެއްޖެތަ، އެކީ އެއްކޮށް ގެއްލޭނެޔޭ" މިބުނުމަކީ ބާޠިލު ބުނުމެކެވެ. އަދި މިއީ އީމާން ކަމާއި ބެހޭ އެތަކެއް މަގުފުރެދުމެއް ފެށުނުގެ އަޞްލެވެ. މުއުތަޒިލީންނާއި ޚަވާރިޖުން ދައުވާ ކުރާގޮތުގައި އީމާން ކަމުން ބަޔެއް މަދުވެއްޖެނަމަ، އެ އެކީއެއްކޮށް ނެތިދެއެވެ."
ޚަވާރިޖުން އެއްވެސް ބޮޑުފާފަޔެއް ކޮށްފި މީހެއް، އީމާންކަން އެކީ އެއްކޮށް ނަފީކުރެއެވެ. މިޔާޚިލާފަށް މުރުޖިޔާއިން އެއްވެސް ބޮޑުފާފަޔެއްވިޔަސް ފަރުޟު ޢަމަލެއް އެޅިޔަސް އީމާންކަން ނުގެއްލޭނޭ ކަމަށް ބުނެއެވެ.
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘް ފުޅުތަކުންނާއި ޞަޙާބީންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އީމާނުން ބަޔެއް ގެއްލި އެއިން އެހެންބަޔެއް ދެމިއޮވެދާނެއެވެ. މިޘާލަކަށް ޙަދީޘް ކުރެއްވިއެވެ: ޛައްރެއްގެ މިންވަރުވިޔަސް އީމާންކަން ހުރެއްޖެ މީހާ ﷲ ނަރަކައިން ނެރުއްވާނެއެވެ." މިއީ އަހުލުއްސުންނަށް ދެކޭގޮތެވެ: އެކިމީހުންގެ އީމާންކަން ވަނީ އެކިމިންވަރަށެވެ. އަދި އެ އިތުރުވެ މަދުވެއެވެ. … ހުރިހާ އަޞްހާބު ބޭކަލުންގެ ބަސްފުޅަކީ އީމާންކަމުގެ އިތުރުވުމާއި މަދުވުމެވެ."
އަދި މީގެ ތަފްޞީލަކީ، އީމާން ކަމީ ތަފާތު ބައިތަކަކަށް ބެހިގެންވާކަމެއްކަމެވެ: އަޞްލާއި، ވާޖިބާއި، މުސްތަޙައްބެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ "ކިތާބުލް އީމާން" ގައި އޭގެ ތަޢުރީފުގައި ވިދާޅުވިއެވެ:
އެ މަސްހުނިވެފައިވަނީ (1) އެއަކާއިނުލައި ފުރިހަމަނުވާނޭ އަޞްލު އާއި (2) އޭގެ ވާޖިބު، އެޔެއް މަދުވެގެން އެފަރުދަަށް ޢުޤޫބާތް ޙައްޤު މިންވަރާއި، (3) އަދި އޭގެ ތެރޭގައި މުސްތަޙައްބު، އެއެއްޗެއް މަދުވުމުން އެފަރުދެއްގެ ދަރަޖަ ދަށްވާ އީމާން ވެއެވެ.
(1)
އަޞްލުލް އީމާން: އަކީ އެއަކާއި ނުލައި އީމާންކަން ނުއޮންނަ، އެޔާއި ނުލައި ކުފުރުން ސަލާމަތްނުވެވޭ އީމާނެވެ. މީގެ ދަށުންވާ ގޮފިތަކަކީ:
(ހ)
ހިތުގެ ޢަމަލު: އެއީ ނަބިއްޔާ صلى الله عليه وسلم އެއަކާއި އެކު ފޮނުއްވެވުނު އެންމެހާ ކަމައް ބަލައިގަތުން، އަދި އެތެދުކުރުން. އަދި އެއަށް ކިޔަމެންތެރިވުމާއި އެކު ބޯލެނބުމެވެ. އަދި އީމާންކަން އެޔާއި ނުލައި ޞައްޙަ ނުވާ، ނަބިއްޔާ އެއަކާއިގެން ވަޑައިގެންނެވި އެއްޗަކަށް ލޯބިކުރުމާއި، ރުހުމާއި އަމާންދިނުމާއި މިފަދަ އެންމެހާ ހިތުގެ ޢަމަލުތަކެވެ.
(ށ)
އަދި ދުލުގެ މައްޗަށްވާ: ޝަހާދަތުގެ ދެކަލިމަ އަށް އިޤުރާރުވުން
(ނ)
އަދި ގުނަވަންތަކުގެ ޢަމަލު: އެޔެއް އަޅައިފި މީހެއް ކާފަރުވާ ނަމާދާއި، އަދި އޭގެ އިޚްތިލާފަށް ބެލުމާއިއެކު ކުފުރުކަމަށް ބަޔެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޢަމަލުތަކެވެ.
ވީމާ އަޞްލުލް އީމާން ތެރެއަށް ވަންނަ އެއްޗެއް ކަނޑައެޅެނީ: އެޔެއް ދޫކޮށްލުމުގެ ސަބަބުން އެފަރުދެއް ކާފަރުވާ ކޮންމެ ބަހެއް ނޫނީ ޢަމަލެކެވެ. އެހެންކަމުން އެޢަމަލަކީ އަޞްލުލް އީމާނުގެ ތެރެއިންވާ އެއްޗެކެވެ. އަދި ބަހެއްް ނޫނީ ޢަމަލެއް ކުރާ މީހެއް ކާފަރުވާ އެއްޗަކީ އެޔެއް ދޫކޮށްލުން ވަނީ އަޞްލުލް އީމާނުގެތެރެއިންނެވެ.
އެހެންކަމުން ޠާޣޫތަށް ސަޖިދަ ޖަހަފި މީހެއް، ނޫނީ އޭނާގެ މަގުގައި ހަނގުރާމަކުރާ މީހެއް ނޫނީ އޭނާ އަށް ޙުކުމް އުފުލައިފިމީހެއް، ނޫނީ އޭނާއަށް ކުފުރާއި ޝިރުކުގައި ސީދާ ވާތްގެއް ދީފިމީހެއް، އަޞްލުލް އީމާން އަޅައިފިއެވެ.
އަދި އަޞްލުލް އީމާނާއިގެން އައިސްފިމީހެއް އޭނާ ޖަންނަތައް ވަދެއްޖެއެވެ. އެހެންކަމުން އެއީ މުޥައްހިދުންގެ ތެރެއިން ވާ މީހެކެވެ. އަދި ޖަންނަތަކީ މުޥައްޙިދުންނަށް ވަޢުދުވެވިގެންވާ އެވެރިންގެ އާޚިރުގެ ގޮވައްޗެވެ. އެއީ ވާޖިބު އިމާނުގައި އޭނާ މަދުވިއެއްކަމަކު އެވެ.
"އިޤްތިޟާއު އައްޞިރާތިލް މުސްތަޤީމް" ގައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ: "އީމާން ކަމުގެ ގޮފިތަކުން ކޮންމެ ކޮންމެ ގޮތްޕެއް ޤާއިމުކުރާ މީހަކީ އަދި މުއުމިނެއްކަމުގައި ނުވެއެވެ. އެއީ އަޞްލުލް އީމާން އޭނާ ޤާއިމުކޮށްފުމާއި ހަމަޔަށެވެ." ص (82).
(އެހެނީ ލަދުވެތިކަމަކީ އީމާންކަމުގެ ގޮތްޕެކެވެ. އެހެނަސް އެކަން ހުރެމެ، އަޞްލުލް އީމާންގެ ތެރެއިން މިސާލަކަށް ޝަހާދަތުގެ ކަލިމަ ދުލުން ނުކިޔާ ހުރެއްޖެ މީހާ މުސްލިމަކަށް ނުވެއެވެ.)
(2)
ވާޖިބު އީމާން: އަދި އަޞްލުލް އީމާންގެ އިތުރުންވަނީ ވާޖިބު ޢަމަލުތަކާއި ޙަރާމްކަންތައް ދޫކުޅައުމުވެ.
އަދި ވާޖިބު އީމާން ކަނޑައެޅުންވަނީ: އެއީ އެޔެއް ދޫކޮށްލުމާއިމެދު އިންޒާރު އޮންނަ، އެހެނަސް އެދޫކޮށްލި މީހެއް ކާފަރު ނުވާ ކޮންމެ ޢަމަލެކެވެ. އާމާނާތް އަދާކުރުމާއި، މައިބަފައިންނަށް ކަމޭހިތުމާއި ވާޖިބު ޖިހާދާއި ރަހިމުގެ ގުޅުން ބޭއްވުންފަދަ ކަންކަމެވެ.
ވާޖިބު އީމާން މަދުވެއްޖެ މީހާ، އެއީ ވާޖިބެއް އެޅުމުގެ ސަބަބުން ނޫނީ ޙަރާމްކަމެއް ކުރުމުގެ ސަބަބުން، އޭނާވަނީ ބޮޑުފާފަ ކުރާ މީހެއްގެ ގޮތުގައެވެ. ނުވަތަ އުރެދޭ މުވައްޙިއްދެއްގެ ގޮތުގައެވެ. ނުވަތަ "މިއްލަތުގެ ފާސިގުން" ނޭ މިބުނެވޭ މީހުން ތެރޭގައެވެ. އެބަހީ އޭނާގެ ފާސިޤުކަމާއި އެކުވެސް މިއްލަތުން ބޭރުނުވާކަމުގައެވެ. މީގެ މަތީ ހުރެ މަރުވެއްޖެ މީހާ ވަނީ އިންޒާރުގެ މަތީގައެވެ. އެހެނަސް އޭނާ ލެވެނީ އަހްލުއް ސުނަތް ވަލް ޖަމާޢަތުގެ ތެރޭންނެވެ. މިއީ ޚަވާރިޖުންނާއި މުޢުތަޒިލާއިން ދެކޭ ގޮތާއި ޚިލާފަށެވެ. ﷲ އިރާދަކުރައްވައިފިނަމަ އޭނާ އަށް ޢަޛާބެއްނެތި ޖަންނަތަށް ވެއްދެވޭނެއެވެ. އަދި އިރާދަކުރައްވައިފިނަމަ އޭނާގެ އުރެދުމަށް ޢަޛާބުދެވޭނެއެވެ. ދެން އޭނާގެ އާޚިރު ގޮވެއްޗަކަށް ޖަންނަތް ވެއެވެ. މުވައްޙިދުންގެ ޖަގަހައެވެ. އޭއީ އޭނާ އެއެއްޗެއްގެ މަތީ ދެމިހުރި އީމާންކަމުގެ އަޞްލަށްބަލައެވެ.
އެއީ އަލްބުޚާރީ އަބޫ ޚުރައިރާ އަރިހުން ރިވާކުރެއްވި ޙަދީޘްގައިވާ ފަދައިންނެވެ. ﷲ އެބަޔަކަށް ރަޙުމަތްލެއްވިބަޔެއް، ﷲ އާއި ޝަރީކުނުކޮށް ޝަހާދަތަށް ހެކިވެ ސަޖިދައިގެ އަޘަރު ވާ މީހެއް ނަރަކައިން މިންޖުކުރުމަށް އަމުރުކުރައްވާނޭ ކަމުގެ މައްޗަށެވެ.
كما في حديث أبي هريرة عند البخاري أن النبي صلى الله عليه وسلم قال: (حتى إذا فرغ الله من القضاء بين العباد وأراد أن يخرج برحمته من أراد من أهل النار، أمر الملائكة أن يخرجوا من النار من كان لا يشرك بالله شيئا ممن أراد الله أن يرحمه ممن يشهد أن لا إله إلا الله، فيعرفونهم في النار بأثر السجود).
ފަަރަޤެއް
އަދި އެހެންކަމުން އަޞްލުލް އީމާނުގައި ކާފަރުންނާއި ބަރީޢަވުން، ހިމެނެނީ އޭގެ ޒާތުގައި ކުފުރު ހިމެނޭ ކަންކަމުގައި އާއި އެތެރެފުށުގެ ބަރީޢައިގައެވެ. އެހެނަސް އޭގެ ޒާތުގައި ކުފުރު ނުހިމެނޭ ބޭރުުށުގެ ޢަދާވާތްތެރިކަން، މިއީ އަޞްލުލް އީމާނުގައި ނުހިމެނޭ، ޤުރުއާނުގެ ނައްސުން ޢުޛުރުދެވިފައިވާ ކަންކަމެވެ. (ބައްލަވާ: އާލް އިމްރާން 28) އެއީ ބަލިކަށި ކަމާއި ބިރުވެރިކަމުގެ ޙާލުގައެވެ. އަދި އަނެއްބައިކަންކަމީ ހުއްދަ ކަންކަމެވެ. މިސާލަކަށް މުޝްރިކުންނަށް އެވެރިންގެ ބިމުގައި އޭގެ ޒާތުގައި ކުފުރު އަދި ހަރާމް ނުހިމެނޭ މަސައްކަތެއް ކުރުން ހުއްދައެވެ. (އަދި ބަޔެއް ޢިލްމިވެރިން މިއީ ޟަރޫރަތެއްގައި އެކަނި ކަމަށް ވިދާޅުވިޔަސް، އެބަހީ އަޞްލުލް އީމާނުގައި ހިމެނޭ ކުފުރުވާކަމެއްގެ ގޮތުގައެއް ނޫންކަމެވެ.) އަދި ވިޔަފާރި ކުރުން ހުއްދައެވެ.
އަދި އަލްބުޚާރީ އިތުރު ޞަޙާބީ، ޚައްބާބު ގެ އަރިހުން މައްކާގައި މުޝްރިކަކަށް މަސައްކަތެއް ކޮށްދީ، އޭގެ ފައިސާ ކާފަރު ނުވެއްޖެ ނަމަ ނުދޭނޭ ކަމަށް ބަޔާންވެވުނު ހަދީޘެއް ރިވާކުރެއްވިއިރު، އޭގެ މައުލޫއަކަށް ލިޔުއްވިއެވެ: "ބާބު: މީހަކު ދާރުލް ހަރުބު ގައި މުޝްރިކުންނަށް އޭނާގެ ނަފްސުން މަސައްކަތް ކޮށްދެވޭނެ ހެއްޔެވެ؟" އަދި އެހެންކަމުން މިއީ އެކަމުގެ މައްޗަށް ދަލީލުވާ ރިވާޔަތެއްގެ ގޮތުގައި ގެންނެވިއެވެ.
މިނުކުތާގެ މައްޗަށް ތަފްޞީލެއް މިސިލްސިލާގެ އެހެން އަދަދެއްގައި ލިޔެލުމަށް ޤަސްދުކުރަމެވެ. އިންޝާ ﷲ.
އަދިއެތަނެއްގައި ދީން ފާޅުނުކުރެވޭ ޙާލު، ދާރުލް ކުފުރު (ކާފަރުންގެ ބިމަކުން) ހިޖުރަ ނުކޮށް ޢުޛުރެއްނެތި ހުރެއްޖެ މީހަކީ، ވާޖިބު އީމާނުގައި މައްސަލަ ޖެހިފައިވާ ފާފަވެރި އެހެނަސް އަޞްލުލް އީމާނު ކެނޑިގެންދާ މީހެއް ނޫނެވެ. އެބަހީ ފާފަވެރިންނެވެ. އެހެނަސް ކާފަރުންނެއް ނޫނެވެ. އަދި މިކަމަށް ޤުރުއާނުގެ ނައްޞުން ދަލީލުވެއެވެ:
وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُوا ۚ وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ …
"…އަދި إيمان ވެ هجرة ނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން هجرة ކޮށްފުމަށްދާނދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި دين ގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް نصر ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުށްޓެވެ."
އެހެންކަމުން އެއިލާހު މިވަނީ ހިޖުރަ ނުކުރުމާއި އީމާންކަމާއި އެއްކޮށް ގެންނަވާފައެވެ. އެހެނީ އަޞްލުލް އީމާން ކެނޑި ނުދިޔުމެވެ. ފާވެރި ވިއެއްކަމަކުއެވެ. އަދި ޢިލްމުވެރިން ވަނީ މިކަމުގެ މައްޗަށް ތަފްޞީލުކޮށްވާހަކަ ދައްކަވާފައެވެ.
ދެން ބުނަމެވެ:
ވާޖިބު އީމާނާއި އެކު އަޞްލުލް އީމާން ފުރިހަމަކޮށްފިމީހާ، އަދި އެ މަދުކުރުމެއްނެތި އަދި ގިނަކުރުމެއްނެތިވެއްޖެ މީހާ، ފަހެ މިއީ ކޯފާއިން ސަލާމަތްވެފައިވާ ކަމުގެ ވަޢުދު އެބަޔަކަށްލިބިފައިވާ މުއުމިނުންގެ ތެރެއިން މީހެކެވެ. އެބަހީ އޭނާ އަށް ޢަޛާބެއް ދެވުމެއްނެތި ޖަންނަތަށް ފުރަތަމައިނުންވެސް ވަދެވޭނޭކަމެކެވެ.
އެއީ އަލް ބުޚާރީގައިވާ ރިވާޔަތެއްގައި ﷲ ފަރުޟުކުރެއްވި ކަންތައްތައް މަދުކުރުމެއް އަދި އެއަށްވުރެ އިތުރު ކުރުމެއްނެތި ހުންނާނޭ ކަމަށް ހުވާކުރެއްވި ބަދަވީ ފަދައިންނެވެ. އެހިނދު އޭނާއަށް އިތުރުއެކަލޭގެފާނި ޙަދީޘްކުރެއްވިއެވެ:
(أفلح إن صدق)
ތިބަހަށް ތެދުވެރިވެއްޖެނަމަ، ފަހެ ފަލާޙުލިބިއްޖެއެވެ.
(3)
މުސްތަޙިއްބު އީމާން: މިއީ ވާޖިބު އީމާން ވަރުގަދަ ކުރާ އެއްޗެވެ. މަންދޫބު އަދި ލޮބުވެތިވެގެންވާ ކަންތައް ކުރާ، އަދި މަކުރޫހަކަންކަމާއި ޝުބުހު (ޝައްކު) ކަންތައްތައް ދޫކޮށްފި މީހެއް، މިއާއި އެކު އޭނާ އަޞްލުލް އީމާން އާއި ވާޖިބު އީމާން ވާނަމަ، އޭނާ ވަނީ ކުޅިފަސް ހޯދާފައިވާ މުހުސިނުންގެ ތެރެއިންނެވެ. ޖަންނަތަށް އިތުރުކަމެއްނެތި ވެއްދެވުން ޙައްޤުވެގެންވާމީހުންނެވެ. އަދި އެއީ ﷲ ގެ އިރާދައާއިއެކު، ހެޔޮކަންތައްތަކުގައި ކުރިހޯދާ މީހުންގެ ދަރަޖައިގައެވެ. އަދި މިމިންގަނޑު (އެބަހީ މުސްތަހައްބު އީމާން) ނެތްނަމަ، އެންމެ މަތީ ދަރަޖަ ނުލިބެއެވެ. އެހެނަސް އޭގެ ސަބަބުންނެއް އެއްވެސް ޢުޤޫބާތެއް ނޫނީ ޣަޛާބެއްލިބުމެއްނުވެއެވެ.
އަދި "ކޮންމެ ކިޔަމަންތެރިކަމަކީ އީމާނޭ، އަދި އެހެނަސް ކޮންމެ އުރެދުމަކީ ބޮޑު ކުފުރެއް ނޫނޭ" ބުނެވޭ ޤަވާޢިދު މިފޯދެނީ އިހު މިބަޔާންވެވުނު ތަފްޞީލުގެ މައްޗަށެވެ.
އަދި އެހެންމެ ކުއްތަންވުމުގެ ޢަމަލުތައްވެސް ތަފާތު ދަރަޖައަށްވެއެވެ. ވީމާ އޭގެތެރޭން އީމާންކަމުގެ އަޞްލަށް ވަދެ، އީމާންކަމުގެ ޝަރުޠަށް ވާ ކަންކަމާއި، ވާޖިބު އީމާނުގެ ތެރެއަށް ވަންނަ ކަންކަމާއި، މުސްތަޙައްބު އީމާނަށް ވަންނަ ކަންކަންވެސް ހިމެނެއެވެ.
އެއީ މިޙަދީޘް ގައިވާ ފަދައިންނެވެ:
( الإيمان بضع وستون شعبة، أعلاها قول لا إله إلا الله، وأدناها إماطة الأذى عن الطريق، والحياء شعبة من الإيمان) متفق عليه.
"އީމާންކަމަކީ ފަސްދޮޅަސް އެތައް ބަޔަކަށްވާ އެއްޗެކެވެ. އޭގެ އެންމެ އުހުގައިވަނީ لا إله إلا الله އެވެ. އަދި އެންމެ ތިރީގައިވަނީ މަގުމަތި (ހިނގައިބިގައި ހެދުމަށް) ދަތިކުރާ އެއްޗެއް ދުރުކުރުމެވެ. އަދި ލަދުވެތިމަކީ އީމާންކަމުގެ ގޮތްޕެކެވެ."
ހަމަ އެފަދައިން ފާފަތައްވެސް، އޭގެ ސަބަބުން އަޞްލުލް އީމާން ނެތިކޮށްލާ ތަކެތިވެއެވެ. އަދި އެއަށް ޝިރުކު ނޫނީ ކުފުރޭ ނުވަތަ ނާޤިޟު (ދީނުން ބޭރުވާ) ކަންކަމޭ ބުނެވެއެވެ.
އަދި އޭގެ ތެރޭގައި ވާޖިބު އީމާން ކަނޑުވާލާ ކަންކަންވެއެވެ. އެއަށް ކިޔެނީ ފިސްޤު އެވެ.
އެއްވެސް ޝައްކެއްނެތެވެ. މިއިން ކޮންމެ ދަރަޖައެއް ދެނެގަތުމާއި އޭގެ ސަބަބުންވަނީ ކީއްތޯ އެގެންޖެހެއެވެ. އަދި އެޔަކުން ކާފަރުވާނޭ ކަންކަމާއި ކާފަރުނުވާނޭ ކަންކަން ފަރަގުކުރަންޖެހެއެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ:
(ولكن الله حبّب إليكم الإيمان وزينه في قلوبكم، وكرّه إليكم الكفر والفسوق والعصيان)
"އަދި އެހެނެއްކަމަކު اللَّه، ތިޔަބައިމީހުން إيمان ކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ إيمان ކަން ޒީނަތްތެރިކުރެއްވިއެވެ. އަދި كافر ކަމާއި، فاسق ކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ."
އެހެންކަމުން ނިކަން މިއާޔަތަށް ވިސްނާށެވެ. ﷲ ތަޢާލާ މިވަނީ ކުފުރާއި، ފިސްޤާއި އުރެދުން ފަރަޤުކުރައްވާފައެވެ. އެހެންކަމުން، އަޅުތަކުންގެ މެދުގައި ﷲ ފަރަޤުކުރެއްވި އެއްޗެއް ފަރަޤު ނުކުރާހާ ހިނދަކު، އަޅެއް އެއިލާހަށް ކިޔަމަންތެރިވިކަމަކަށްނުވެއެވެ. ހަމައެޔާއިއެކު ﷲ އެކަތި ކުރެއްވި އެއްޗެއްނަމަ އެ އެކަތިކޮށް އެއްނުކުރާހާ ހިނދަކު ކިޔަމަނެއްނުވެއެވެ.
އެހެންކަމުން އަޞްލުލް އީމާން ކަނޑުވާލާ "ކުފުރުވާ" ކަންތައްތަކާއި، ވާޖިބު އީމާނާއި މުސްތަޙައްބު އީމާން ކަނޑުވާލާ ކަންކަމާއި ފަރަޤުވެގެން ވެއެވެ. ފަހުން ބުނެވުނު ދެ ކަންތަކުން އީމާން ކަމުގެ އަޞްލު ނެތިނުދެއެވެ.
(އިބްނު ތައިމިއްޔާ ވިދާޅުވިއެވެ) :
"މިސަބަބައްޓަކައި، ސުންނަތުގެ ޢިލްމިވެރިން "އަހުލުއް ސުންނަ ވަލްޖަމާޢަތުގެ ޢަޤީދާ' ގެ ތެރޭ ކަނޑައެޅުއްވިއެވެ: "ފާފައިގެ ސަބަބުން ޤިބުލައިގެ އެއްވެސް މީހެއް އެވެރިން ކާފަރެއް ނުކުރައްވައެވެ." މިއީ އެންމެހާ ޞަރީޙަ ފާފައަކީ ކުފުރުކަމަށް ކަނޑައެޅި ޚަވާރިޖުންގެ ބިދުޢައަށް އިޝާރާތް ކުރައްވަމުންނެވެ…
އަދިވެސް ވިދާޅުވިއެވެ: އީމާންކަމުގެ ބައިތައް އެނގި، ދެން ޖަންނަތް ޙައްޤުވާކަމަށް އަދި ނަރަކައިން މިންޖުވެވިގެންވާކަން ބުނެވޭހިނދު، އެއިން (އެބަހީ: އީމާނުން) ބަޔެއް ނޫނީ އެފަދައެއްޗެއް ދޫކުރެވޭ ވާހަކަ ބުނެވިއްޖެނަމަ، އޭގެން އެމާނަ ވެވެނީ ވާޖިބު އީމާނަށެވެ. (އަޞްލަކަށް ނޫނެވެ).
އެއީ ﷲ ތަޢާލާ ވަހީ ބަސްފުޅުން ފެންނަފަދައިންނެވެ:
(( إنما المؤمنون الذين آمنوا بالله ورسوله ثم لم يرتابوا وجاهدوا بأموالهم وأنفسهم في سبيل الله أولئك هم الصادقون)) [ الحجرات:15]
مؤمن ން ކަމުގައިވާކަން ކަށަވަރީ، اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވެ، ދެން (އެ إيمان ކަމާމެދު) شك ނުކުރާ މީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކުރިމީހުންނެވެ. އެއުރެންނީ، ހަމަ ތެދުވެރިންނެވެ.
(މުދަލާއި ނަފުސުން ވާޖިބު ޖިހާދު ނުކުރުމަކީ ފާފައެކެވެ. އެހެންކަމުން މިތަނުގައި އީމާން ކަން މިނިޞްބަތްވަނީ ވާޖިބު އީމާނެވެ.)
އަދި ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘް
(لا يزني الزاني حين يزني وهو مؤمن ولا يسرق السارق حين يسرق وهو مؤمن، ولا يشرب الخمر حين يشربها وهو مؤمن)
ޒިނޭ ކުރާ މީހާ ޒިނޭ ކުރާހިނދު މުއުމިނަކަށްވެ ހުރެ ޒިނޭ ނުކުރާނެއެވެ. އަދި ވައްކަން ކުރާ މީހާ ވައްކަންކުރާ އިރު މުއުމިނެއްކަމުގައި ހުރެ ވައްކަން ނުކުރާނެއެވެ. އަދި ރާބޯމީހާ ރާބޯ ހިނދު މުއުމިނެއްގެ ގޮތިގައި ހުރެ ރަލެއް ނުބޯނެތެވެ.
އެހެންކަމުން އޭނާގެ ފުށުން ވާޖިބު އީމާން ނަފީވެއެވެ. އެއީ އެޔަކުން އޭނާއަށް ޖަންނަތް ޙައްޤުވާ އީމާނެވެ. (އެބަހީ އެފުރިހަމަ ވެއްޖެ މީހާ ނަރަކައިގެ ބިރެއްނެތި ޖަންނަތް ސީދާ ޙައްޤުވުމެވެ.) އަދި މިއިން އޭނާގެ ފުށުން އީމާންކަމުގެ އަޞްލު އެރެގެންދާކަމަކަށް (އެބަހީ ކާފަރުވާކަމަށް) އިލްޒާމެއްނުކުރެއެވެ. އަދި އޭގެ ބައިތަކާއި ގޮފިތައްވެސް މެއެވެ. "
މިހެން ވިދާޅުވުމާއި ހަމަޔަށެވެ: "އަދި މިބާބުގެ ދަށުން، ނަބިއްޔާ صلى الله عليه وسلم ގެ މިޙަދީޘްވެސް ވެއެވެ:
(من غشّنا فليس منا)
އަހަރެމެންނަށް އޮޅުވާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.
މީގެ މުރާދަކީ ޚަވާރިޖުން އެ މާނަކުރިފަދައިން، އޭނައަކީ ކާފަރެއް ކަމުގައެއް ނޫނެވެ. އަދި މުރުޖިއާއިން ބުނިފަދައިން، އޭނާ އަކީ އަހަރެމެންގެ ތެރެއިން ޚިޔާރުވެގެންވާ މީހެއް ނޫނެކޭވެސް ނޫނެވެ.
“ެހެނަސް ހުކުމްވަނީ ފާޅުވާ އެއްޗަށެވެ. އަދި ފާޅުވާ އެއްޗަކީ އެވެރިންނީ ޢަޛާބުން ސަލާމަތްވެ ޘަވާބު ޙައްޤު މުއުމިނުންކަމެވެ. އަދި އޮޅުވާލާމީހާ އަހަރެމެން ތެރޭން ނުވާ ސަބަބަކީ، އޭނާއަށް ވަނީ (ނަރަކައިގައި ދާއިމަށް ނެތަސް) ﷲ ގެ ކޯފާ އާއި ޢަޛާބު ލައިގަނެފައި ކަމުންނެވެ."
ޚުލާޞާ
އެޔަކުން ކުފުރު ވެގެންދާ އީމާނަކީ ހަމައެކަނި "އަޞްލުލް އީމާން" އެކަންޏެވެ. "ވާޖިބު އީމާން" މިއީ އޭގެ ސަބަބުން ފާސިޤަކަށްވާ ކަންކަމެވެ. (އެބަހީ: ފާފަވެރިޔެއްކަމެވެ.) އަދި "މުސްތަޙިއްބު އީމާން"އަކީ އެ ދޫކުޅައުމުގެ ސަބަބުން ކާފަރަކަށްވެސް ނޫނީ ފާސިޤަކަށްވެސް ނުވެއެވެ. އެހެންކަމުން މިބައިތައް މަސްހުނި ކުރުމާއިމެދު ހުށިހާރިވެ ތިބުމަށް ބުނަމެވެ.
އާޔަތްތަކާއި ޙަދީޘްތަކަށް ބަލައިފިނަމަ، އަދި ވިސްނައި ފިކުރުކޮށް މިމައްސަލައަށް ބަލައިފިނަމަ، އޭގައި ޞަރީހަކޮށް މިމިންގަނޑުތައް ބަޔާންވެފައިވެއެވެ. އެއީ އިސްލާމްކަމާއި އީމާން ކަމުގެ ދާއިރާއިން، އަޞްލުލް އީމާން ނިގުޅައިގަންނަ ކުފުރަކާއިގެން އަތުވެއްޖެ މީހެއް ނޫނީ ބޭރުވެ ނުދާކަމެވެ.
އެއީ އަޞްލުލް އީމާނުގެ ތެރޭ ހިމެނޭ ވާޖިބެއް ދޫކޮށްލުންފަދައެވެ. މިސާލަކަށް ޝަހާދަތުގެ ކަލިމަޔަށް އިޤުރާރު ދޫކޮށްލުން، ނުވަތަ ނަމާދު އެޅުން، ނުވަތަ ހިތުތެރޭން ތެދުނުކުރުމާއި (މިޔަށް ކިޔަނީ ދޮގުކުޅައުމުގެ ކުފުރު) ، ނުވަތަ ހިތުގެ ޔަޤީންކަން ނެތިދިޔުން، (މިއީ ޝައްކު ކުރުމުގެ ކުފުރު) ، ނުވަތަ މިފަދަ އީމާންކަމުގެ އަޞްލުގައި ވާޖިބެއް އެޅުމެވެ. އެއީ ހިތުގެ ޢަމަލެއްވިޔަސް ނޫނީ ދުލުގެ ޢަމަލެއް ވިޔަސް ނޫނީ ގުނަވަންތަކުގެ ޢަމަލެއްވިޔަސް އެވެ.
ނުވަތަ، އަޞްލުލް އީމާން ނެތިގެންދާފަދަ ޙަރާމްކަމެއް ކުރުމެވެ. އެއީ ހިތުގެ ނޫނީ ދުލުގެ ނޫނީ ގުނަވަންތަކުގެ ކަމެއްވިޔަސް އެވެ. މިސާލަކަށްޠާޣޫތަށް ޙުކުމްއުފުލުމާއި، ﷲ ނުވަތަ ރަސޫލަށް ސައްބު ކުޅައުމާއި، ﷲ ނޫން ފަރާތަކަށް ދުޢާކުރުމާއި،ނުވަތަ ޛަބަހަ ނުވަތަ ސަޖިދަ ކުރުން، ނުވަތަ ޝަރީޢަތް ހެދުމާއި ޙަލާލާއި ޙަރާމްކުރުމަށް އެއިލާހު ނޫން ފަރާތެއް ނެގުމެވެ.
މިޔާ ޚިލާފަށް، ވާޖިބުއީމާން ނެތް މީހަކީ އީމާންކަން ބަލިކަށިވެފައިވާ މީހެކެވެ. ނެތިގޮސްފައި ހުރި މީހެއް ނޫނެވެ. އެހެންކަމުން މިއިންއެކަނި ތަކްފީރުކުރުމުގެ މައްޗަށް ސަމާލުވާށެވެ.
މުޙިއްމު ނުކުތާތަކެއް
1.
އީމާން ކަމުގެ އަޞްލު ގެއްލޭ އެއްވެސް ކަމެއްގެ ސަބަބުން ކުފުރުވާނޭކަން އަހަރެމެން ބުންޏަސް، ތަކްފީރަކީ ދުނިޔެވީ ހުކުމެވެ. އެކަން ހިމެނެނީ ދުލާއި ޢަމަލުގެ އަޞްލުލް އީމާން ގެ ތެރެއިން އެކަންޏެވެ. އެބަހީ ބޭރުފުށަށް ފާޅުވާ ބަސްތަކާއި ޢަމަލުތަކުގަ އެވެ. އަދި ދުނިޔެވީ ހުކުމް ތަކުގައި ހިތުގެ ޢަމަލުތައް ނުވަދެއެވެ. އެހެނީ އެއީ ޣައިބުގައިވާ އެއްޗެއްކަމުންނެވެ. އަދި ދުލުން ނޫނީ ޢަމަލު ކުފުރަކުން އެކަން ހާމަނުވާހާ ހިނދަކު އެކަމެއް ނޭގޭނެއެވެ.
އަދި އެނގިގެންވާފަދައިން، ޝަރީޢަތް ބާއްވައިލެއްވި ފަރާތުން، ޝަރީޢަތުގެ ޙުކުމްތައްވަނީ ދުނިޔެވީ ސަބަބުތަކަށް ގުޅުއްވާފައެވެ. އަދި ބޭރުފުށަށް ފާޅުވާ އެއްޗަކަށް ޝަރުޠުކުރައްވާފައެވެ. އަދި ޣައިބުގައިވާ ހިތުގެ އެއްޗަކަށް ނޫނެވެ. އެހެންކަމުން އެއީ އަހަރެމެންނަށް ވާ އެއްޗެއްނޫނެވެ. އެއަމުރު ވަނީ ﷲ އަށެވެ
2.
އަޞްލުލް އީމާން ނެތުމުގެ މައްޗަށް ވާހަކަ ދެކެވޭ އިރު، ވަރަށް ގިނަފަހަރަށް ބަހުރުވަ ބޭނުން ކުރެވެނީ އިންޒާރުގެ މަގުންނެވެ. އެއީ މިލިޔުމުގައިވެސް ވާފަދައިންނެވެ. ނުވަތަ ވާޖިބު އިމާނުގެ ވާހަކައިގައެވެ. އެހެންކަމުން މިއީ ޢާންމު ޢިބާރާތްތަކެއްކަން ދެނެގަތުން ލާޒިމެވެ. އެއީ އެކަންކަން ކަނޑައެޅުމަށްޓަކައި ސާފު ތަފްޞީލަށް ދާންޖެހޭނެއެވެ. އެއިން ޝަރުޢު ކުރެވޭކަންތަކުގެ މުރާދު ދެނެގަތުށްޓަކައެވެ. އެއީ މިއްލަތުން ބޭރޫވާ ކުފުރު ނޫން ކަމެއްގައި، ޝައްކާއިއެކު ތަކްފީރުކުރުމާއި އެއަށް އަވަސް އަރައި ނުގަތުމަށެވެ.
3.
ބަޔެއް ފާފަތަކުގެ ވާހަކަ ދައްކާއިރު، އެ ޙަލާލުކޮށްފި މީހެއް ކާފަރުވާނޭ ކަމަށް ބުނެވޭ އިރު، މިޝަރުޠު މިކުރެވެނީ ވާޖިބު އީމާނުގެ ތެރޭ ހިމެނޭ ފާފަތަކަށެވެ. އެހެނަސް އަޞްލުލް އީމާނު ކަނޑުވާލާ ކަންކަމުގައި މިޝަރުޠެއްނުވެއެވެ. އެހެންކަމުން އެޢަމަލެއް ކުރުމުން އެކަނިވެސް އޭނާ ކުފުރުގެތެރެއަށް ވެއްޓެއެވެ. އަދި އޭނާ އެކަން ހަލާލު ކުރާނަމަ، އެއީ ކުފުރުގެ ތެރެއަށް އިތުރުވާ އެއްޗެކެވެ.
4.
ޢިލްމުވެރިންގެ ވަރަށްގިނަ ބަސްފުޅުތަކުގައި ފުރިހަމަ އީމާން އާއި އީމާންކަން ފުރިހަމަ ވުމާއި ފަރަޤުވެއެވެ.
ފުރިހަމަ އީމާންކަމަކީ ކާމިލު އީމާނެވެ. އެއީ އީމާން ކަމުގެ އަޞްލާއި ވާޖިބާއި މުޞްތަޙައްބު އޭގައި ޖަމައުވެފައިވާ އީމާނެވެ.
އީމާންކަން ފުރިހަމަ ވުން: މިއީ އީމާންކަން ދަށް ވުން ނޫނީ ފުރިހަމަވުމުގެ މައްޗަށް ކަނޑައެޅޭ އެއްޗެކެވެ.
އެހެންކަމުން ނަބިއްޔާ صلى الله عليه وسلم "ފުރިހަމަ އީމާން" ކަން ، ޒިނޭ ކުރާ މީހާ އާއި ރާބޯ މީހާއާއި ވައްކަން ކުރާމީހާ އަށް އިހުބަޔާންވެވުނު ޙަދީޘްގައި ނަފީ ކުރެއްވިއެވެ. އެހެނަސް އެޔެއް މިއާޔަތަކަށް ނުަވަދެއެވެ: ((والله ولي المؤمنين )) {اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ ވާގިވެރިވެ ވޮޑިގެންވާ އިލާހެވެ.} އަދި: (( قد أفلح المؤمنون )) {مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ.} އަދި (( إنما المؤمنون الذين إذا ذكر الله وجلت قلوبهم )) އަދި މިފަދަ އާޔަތްތަކެވެ. އަދި އޭނާގެ ފުށުން މި އާޔަތުގައި ވާފަދައިން އީމާންކަމުގެ ފުރިހަމަކަން ވެސް ނުކެނޑެއެވެ: (( فتحرير رقبة مؤمنة )) {مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ.} އަދި ((وإن طائفتان من المؤمنين اقتتلوا )) {مؤمن ންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! } އަދި އިތުރު އެކަލޭގެފާނު صلى الله عليه وسلم ގެ ޙަދީޘް: (لا يقتل مؤمن بكافر) {ކާފަރަކަށްޓަކައި މުއުމިނެއް ޤަތުލު ކުރުން ނުވެއެވެ.} رواه البخاري އަދި މިނޫން ރިވާޔަތް ތަކެވެ.
(މިނައްޞު ތަކުގައި މުއުމިނުން ކަމަށް ނިސްބަތްއެވަނީ "ފުރިހަމަ އީމާން" ކަމުގެ މައްޗަކަށް ނޫނެވެ. އެއީ ކުރިން ބަޔާންވަވުނު ޒިނޭކޮށް، ރާބޯ ވައްކަންކުރާ މީހުންނަށް ނިސްބަތްވި ޙަދީޘާއި ޚިލާފަށެވެ.)
އަދި އެހެނަސް ﷲ تعالى ގެ ވަހީ ބަސްފުޅު: (( قالت الأعراب آمنا قل لم تؤمنوا، ولكن قولوا أسلمنا)) {أعرابى ން ބުނޫއެވެ. ތިމަންމެން إيمان ވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إيمان އެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން ކިޔަމަންެވެއްޖައީމުއޭ ބުނާށެވެ!} އިން ނަފީ ކުރަނީ އީމާން ކަމުގެ ފުރިހަމަ ކަމަށެވެ. އެ އެކީ އެއްކޮށެއްނޫނެވެ.
ފައިދާއެއް
އިހު ބަޔާންވެވުނު ނުކުތާ މައްޗަށް ފޯދޭ އެހެން އެއްޗަކީ، "ފުރިހަމަ ތައުޙީދު" އާއި "ތައުޙީދުގެ ފުރިހަމަކަން" އެވެ.
ތައުހީދުގެ ފުރިހަމަަކަމުގެ ތެރެއަށް، އެންމެހާ މުޥައްހިދުން ވަދެއެވެ. އޭގެ ތަޤުވާވެރިންނާއި ފާސިޤުންވެސް އެވެ. ޢާންމުންނާއި ޚާއްސުންވެސް އެވެ. އެހެންކަމުން ﷲ އަށް އީމާންވެ ޠާޣޫތަށް އަޅުކަން ކުރުމުން އިޖުތިނާބަވެއްޖެ ކޮންމެ މީހެއް އަދި ތައުޙީދު ނަފީކުރާ އެއްވެސް ކަމަކަށް އަރައިނުގަނެ ވެއްޖެ ނަމަ، ތައުހީދުގެ ފުރިހަމަކަމުގެ ތެރެއަށްވަދެއެވެ.
އަދި ފުރިހަމަ ތައުހީދު : މިއިން ކަނޑައެޅެނީ ކާމިލު ތައުހީދެވެ. އެކީއެއްކޮށް ފުރިހަމަވެފައިވާ އެއްޗެވެ. އޭގެ އަޞްލާއި ވާޖިބާއި ލާޒިމުތަކާއި އެކުގައެވެ. އެއީ ޠާޣޫތާއި ޖިހާދުކުރުމާއި، ޢަދާވާތްތެރިކަން ފާޅުކުރުމާއި، އެވެންނާއި އެވެރިންގެ އައުވާނުންނަށް ބަރީޢަ އިޢުލާނު ކުރުމާއި، އަދި ޝިރުކު ފޮހެލުމަށް ގަދައަޅައި މަސައްކަތްކޮށް މީސްތަކުން އޭގެތެރެއިން ނެރުމެވެ. މިދެ ތަޢުރީފުގައި އެއްގޮތްކަމެއް ނުވެއެވެ. އެހެނަސް މީސްތަކުންގެ ތެރެއިން ގިނަމީހުންނަށް މިޔެއް ނޭގެއެވެ.
މިސަބަބަށްޓަކައި، އަހަރެމެން "މުޥައްޙިދު"ންނޭ ވަރަށް ގިނައި ކިޔައި އުޅޭ އިރު، އެއިން ނިޞްބަތްކުރަނީ، ދީނުގެ ވަކި ޚާއްޞަ ބޭފުޅުންނާއި އަންޞާރުންނަށެވެ. އެފަދައިން ނަންދެނީ، އެތައް ބަޔެއް ފަރުވާ ކުޑަކޮށްފައިވާ ވާޖިބާތުތަކަކާއި ދީނުގެ ލާޒިމުތަކުގެ މުހިއްމުކަން ހާމަކުރުމަށްޓަކައެވެ. އެ ތައުޙީދުގެ މުހިއްމުކަން ޔަޤީންކޮށް ދިނުމަށެވެ. އެއަކީ ރަސޫލުންނާއި އެބޭފުޅުންނަށް ތަބައުވި މީހުންގެ ދަޢުވަތުގެ އަޞްލެވެ.
މިހެންވިޔަސް، ޠާޣޫތު ތަކްފީރު ކުރުމާއި އެވެރިންނާއި ޖިހާދުކުރުމާއި މެދު، އަހަރެމެންނާއި ޚިލާފުވާ ކޮންމެ މީހަކީ ތައުޙީދުން ނަފީވެފައިވާ މީހެއްކަމަށް ބުނުމަށް ނުރުހެމެވެ. އަދި އިންޒާރުކުރަމެވެ. އެއީ، އެ އިޚްތިލާފުވީ މީހުންނީ މުސްލިމުންގެ ގޮތުގައިވާހާހިނދަކުއެވެ. އަދި އިންޒާރުގެ ގޮތުން ބަސްމަގު ބޭނުން ކުރުމަކީ ނަފީގެ މާނައެއް ނޫނެވެ. އަި މިގޮތަށް ބަސްމަގު ހުރުމުން ތަކްފީރު ކަމަށް ބަޔެއް މީހުންނަށް ފަހުމުވެދާނެއެވެ . ވަކިން ޚާއްޞަކޮށް ތަޥްޙީދުގެ އިދިކޮޅަކީ ޝިރުުކުކަމީ ޢާންމު އާދަކާދާައިވެސް ވާއެއްޗެކެވެ. އަދި ގިނަ މުސްލިމުންނަށް މީގެ ޝަރުޢީ މާނައިގައި ހިމެނޭ ފަރަޤު، އެބައިީހުންނަށް ބުނެނުދެނީސް ނޭގެއެވެ. އެބަހީ، ފުރިހަމަ ތަޥްހީދު ނަފީވުން ނޫން ކަމާއި އޭގެ މާނައީ ތައުހީދުގެ ފުރިހަމަ ކަން ކަމުގައެވެ. އެހެންކަމުން މިޔާއި އެ ފަރަޤު މިވެރިން ނުކުރެއެވެ. އެހެންކަމުން މިވެންނާއި ދުރުވުން ލާޒިމެވެ. އަދި އިންޒާރުކުރަންވެސް ޖެހެއެވެ. އެއީ މުސްލިމުންތެރޭން އިޚްތިލާފުވާ މީހުންގެ މައްޗަށް ތަކްފީރު ހީކުރައުމުން ދުރުކުރުމަށެވެ. އަދި މިދަޢުވަތުގެ ޢަދުއްވުންނަށް މި ކިލަނބުގެ ފެންގަނޑަށް ކަހުވާލުމަށް ޖާގަޔެއް ނުދިނުމަށްޓަކައެވެ.
އަދި މިބީދާއިން މިޒަމާނުގެ ދަޢުވަތުގައި އުޅޭ އެތައްބަޔެއް ބުނެއުޅެއެވެ. "އަހަރެމެންހެ އަޚާ" ނުވަތަ "އަހަރެމެންގެ އަޚުން" ބައިގަނޑަކަށް ނޫނީ ޖަމާޢަތަކަށް ބުނެއެވެ. އެއީ އޭގެ ތެރޭގައިވާ ދެކޮޅުވެރިންނަށް ބެލުމެއްނެތި، އެވެރިންގެ މަގާއި ދަޢުވަތުމަތީ ނެތްމީހުންވެސް އެވެ. ދެން ބަޔެއްމީހުން މިޔަށް އިންކާރުކުރެއެވެ. އަދި ބުނެއެވެ: އެއީ އަހަރެމެންގެ އަޚުންނެއް ނޫނެވެ! އެބަހީ އެވެރިންގެ ޖަމާޢަތުގެ ތެރޭން ވާބަޔެއް ނޫނޭ އެވެ. މިއީ މުސްލިމުންނާއިމެދު ކަން ކުރަން ރަނގަޅުގޮތެއް ނޫނެވެ. އެހެނީ މިއީ އެކީ އެއްކޮށް ބަރީޢަވުމެވެ. މިއީ ބަޔެއް މިދައުވަތުގެ އަޞްލަށް އައު ކުދިން ފުށުން ފެންނަ ނުރަނގަޅުކަމެކެވެ. އަދި ބޭއިންސާފު އަނިޔާވެރި ދެބަސްވުންތަކާއި އަދުލުވެރި ނުވުމުގެ މައްޗަށް ﷲ އެތައް ގޮތަކުން އިންޒާރުދެއްވާފައި ވެއެވެ. މިއީ "އަޚުން" ނޫން ކަމަށް ދައުވާ ކުރާބަޔަކާއި މެދު ކާފަރުންނާއި ކުރާފަދައިން މުޢާމަލާތް ކުރާނަމައެވެ. ނުވަތަ ތަކުފީރު ޙުކުމް ކުރާނަމައެވެ.
އަދި ކިޔެއްހެއްޔެވެ؟ ﷲ تعالى ވަނީ އިންތިހާ ދެބަސްވާ ހާލަތްތަކުގައިވެސް އީމާން ކަމުގެ ގުޅުން ޘާބިތުކޮށް ކަނޑައަޅުއްވާފައެވެ. ޢަދާވާތްތެރިކަމާއި އަނިޔަލުގެ ޙާލަތުގައިވެސްމެއެވެ. ޤަތުލާއި ހަނގުރާމައިގެ ތެރޭގައިވެސްމެއެވެ. އެހެންކަމުން އެއިލާހު سبحانه ވަޙީކުރެއްވިއެވެ: ((وإن طائفتان من المؤمنين اقتتلوا…) الآيات {مؤمن ންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! } މިހެން ވަހީކުރެއްވުމާއި ހަމަޔަށެވެ : ((إنما المؤمنون إخوة فأصلحوا بين أخويكم )). {مؤمن ން ވާކަންކަށަވަރީ، أخ ންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخ ން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ! } އެއީ މި އުޚުއްވަތްތެރިކަން މަރާލެވުނު މީހާގެ ބަލަދުވެރިޔާ އާއި ޤާތިލު އާއި ދެމެދު ގެންނެވި ފަދައިންނެވެ. ވަހީ ކުރެއްވިއެވެ: ((فمن عفي له من أخيه شيء… الآية) {ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!)…}
…..
މި ލިޔުމުގެ އަޞްލު އެކީ އެއްކޮށް ބިނާވެގެންވަނީ އަބޫ މުޙައްމަދު އަލްބަރްޤާވީ (އަލްމަޤްދިސީ) ގެ الرسالة الثلاثينية في التحذير من الغلو في التكفير ގެ 14 ވަނަ އަދަދުންނެވެ. ކުޑަކުޑަ ބަދަލަކައި އެކުގައެވެ.
ސިލްސިލާ އެކުލަވާލީ، އަމީން ދީދީ عفا الله عنه